ތުޅާދޫ ކައުންސިލް އިދާރާގެ ވެބްސައިޓަށް މަރުޙަބާ

DCIM100MEDIADJI_0341.JPG

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫއަކީ ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައިއޮތް، މަސްވެރިކަމަށްރަގަޅު، ބޮޑުމިނުގައި 40 ހެކްޓަރ ހުންނަ، ގަސްގަހާގެހި މަދު، ރުއްގަސް މަދު ،ލަފާ ފުރަން ފަސޭހަ، ހިތްހެޔޮ އެކުވެރި ތަރައްޤީއަށް މަސައްކަތް ކުރާ ހީވާގި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. މިރަށް އޮންނަނީ އަތޮޅުގެ ގޮއިދު އަތޮޅުގެ އުތުރު ހުޅަނގުންނެވެ. މިރަށާއި ވެރިކަން ކުރާރަށް އޭދަފުއްޓާއި ހުރި ދުރުމިނަކީ 14.50 މޭލެވެ. ވެރިރަށް މާލެއާއި ދެމެދު ހުރި ދުރުމިނަކީ 68 މޭލެވެ.

ތުޅާދޫގެެ ރައްޔިތުން އާންދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއިި، ލިޔެލާޖެހުމާއި، ވަޑާންކުރުމެވެ. ރަށުގެބިންގަނޑަކީ ދަނޑުވެރިކަންކުރުމަށް އެކަށޭނަ ބިމެއްކަމަށް ބެލެވިފައިވީނަމަވެސް ރަށުގައި ދަނޑުވެރިކަން ކުރާނެ ބިމެއްނެތެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާމީހުންނާއި، ވަޑާންކުރާމީހުންނާއި،އެސްޓިމޭޓަށް މަސައްކަތްކުރާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތާއި، ވިޔަފާރި ކުރުމަކީ ތުޅާދޫގެ ރައްޔިތުން ޢާއްމުކޮށް ދިރިއުޅުމަށް ކުރާ މައިގަޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ.

ރަށުގެ އާބާދީ

2021 މެއި މަހުގެ ނިޔަލަށް ރަށުގެ އާބާދީއަކީ 3030 މީހުންނެވެ. އެއީ 1572 ފިރިހެނުންނާއި 1458 އަންހެނުންނެވެ.

ތަޢުލީމު

މިރަށުގައި ސަރުކާރުން ހިންގާ “ތުޅާދޫ ސްކޫލު” ގައި ގާތްގަނޑަކަށް 343 ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާއިރު، އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 10 ށް ކިޔަވައިދެމުން ގެންދެއެވެ. އަދި މީގެ އިތުރުން މިރަށުގައި ޚަރަކާތްތެރިވަމުންގެންދާ ތުޅާދޫ ސްޕޯޓްސްކުލަބުގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ “ތުޅާދޫ ޕްރީސްކޫލް” ގައާއި ތުޅާދޫ ސިލްވަރ ޝައިން ކުލަބްގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ “ތުއްތުކުދިންގެ ޕްރީސްކޫލް’ ގައި ބޭބީ ނާސަރީއާއި ނާސަރީ ގެ ދަރިވަރުންނަށް ޅަފަތުގެ ތަޢުލީމް އުގަންނައި ދެއްވަމުން ގެންދަވައެވެ.

ތުޅާދޫގެ ތާރީޚް

1111ހ. ވަނައަހަރު މިރަށުގައި އައްޞުލްތާން މުޙައްމަދު ބިނާކޮށްދެއްވި ހިރިގަލު މިސްކިތެއް ހުއްޓެވެ. މިޒަމާނުގެ މިސްކިތެއް ބިނާކުރަންވެގެން އެމިސްކިތް ތަޅާލެވިފައިވެއެވެ. އެރަށު ފަޅުގައިއޮތް ” ހުރާގަޑެއް ” ގައި އެރަށު ރައްޔިތުން ރުއް އެޅުމުގެ ހުއްދަ ދެއްވީ އައްޞުލްތާނު މުޙައްމަދު މުއީނުއްދީން1 އެވެ. ނަމަވެސް މިހާރު އެރަށެއް ނެތެވެ.
މީގެ 300 އަހަރަށްވުރެ ކުރިން ފެށިފައިވާ ލިޔެލާޖެހުމުގެ މަސައްކަތް ތުޅާދޫގައި ފެއްޓީ މިއަތޮޅު ފަރެހު ބޮޑުމޫސަ. (ފަރެހަކީ މިހާރު ފަޅުރަށެއް) ނުވަތަ ފަރެހު ދޮންމޫސައެވެ. މިކަން ތުޅާދޫގައިހުރި ދެއްވަދޫ ރަސްގެފާނު ބެހެއްޓެވި މިސްކިތުގެ މަސައްކަތަށް ބަލާއިރު ސާބިތުވާން އެބަހުއްޓެވެ. އެމިސްކިތް މިހާރުވަނީ ނެތިގޮސްފައެވެ.