ތުޅާދޫ ކައުންސިލުން ރަމަޟާންމަހު ރައްޔިތުންނަށް ބޮޑެތި ޢިނާޔަތްތަކެއް ދޭން ނިންމައިފި

1437 ވަނައަހަރުގެ ރަމަޟާންމަހާއި ގުޅުވައިގެން ރައްޔިތުންނަށް ބޮޑެތި ޢިނާޔަތްތަކެއް ދިނުމަށް ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން މިގޮތަށް ނިންމީ 05 ޖޫން 2016 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ދެވަނަ ދަޢުރުގެ 86 ވަނަ އާއްމު ޖަލްސާއިންނެވެ.
މިއަހަރުގެ ރަމަޟާންމަހު 03 ޢިނާޔަތެއް ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ، ރަށުގައި މީހުންދިރިއުޅޭ ގޭގެގެ ތެރެއިން ހަމައެކަނި ބިދޭސީން އުޅޭގޭގެއާއި
ވިޔަފާރިކުރާ ތަންތަންފިޔަވައި، އެނޫން ގޭގެއަށް ރަމަޟާންމަހާއިއެކު ހިނގަމުންދާ ޖޫން މަހުގެ ކަރަންޓް ބިލްގެ %50 ކައުންސިލްގެ ފަރާތުން ދައްކައިދިނުމާއި، ގޭގޭގެ ކުނި ކައުންސިލުން ހިލޭ އުކާލަދިނުމާއި އަދި މީގެ އިތުރުން ގޭގޭގެ ކޭބަލް ޓީވީގެ ފީ ހިލޭ ކައުންސިލުން ދައްކައި ދިނުމެވެ.
އަދި މިޢިނާޔަތްތަކުގެ އިތުރުންވެސް ރޯދަމަހާއި ދިމާކޮށް ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދު ވަށައިގެންވާ ބޮޑުމަގު (އަންނި މަގު) ގައި ޖަހާފައިވާ ބައްތިތައްވެސް ވަނީ ދިއްލަންފަށާފައެވެ.
ރަމަޟާންމަހަށް ޚާއްސަކޮށްގެން ކައުންސިލުން ދޭން ނިންމި ޢިނާޔަތްތަކުގެ ޖުމުލަ އަގު ގާތްގަނޑަކަށް ދެލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.