

ނިމިދިޔަ 2015 ވަނަ އަހަރެކޭ އެއްފައިން މިއަހަރުގެ ވެސް އަޟްޙާޢީދު ރަށުފެންވަރުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މަޤުޞަދުގައި ތުޅާދޫ ކައުންސިލުން ބޭއްވުމަށް ނިންމާފައިވާ “ތުޅާދޫ ކައުންސިލް ފުޓްސަލް ޗެލެންޗް 2016” މިއަދު (09 ސެޕްޓެމްބަރ 2016) ފެށިއްޖެއެވެ. މިގޮތުން މުބާރާތް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ ޙާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ބ. ތުޅާދޫ / ގުލްބަހާރުގެ، އަލްފާޟިލް އިބްރާހީމް އަފީފްއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ދެރަވާ ވަގުތު ހިތްތިރިކޮށް މޮޅުވާ ވަގުތު އެހެން ބައިވެރިންވެސް އެއުފަލުގައި ބައިވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އަލްފާޟިލް އިބްރާހީމް އަފީފު ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތަކުން މޮޅުކުޅުންތެރިން ތަކެއް އުފެދި އެކުޅުންތެރިން އަތޮޅު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގަޔާއި އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރުމީ އުއްމީދެއްކަމަށްވެސް ޝަރަފްވެރިމެހުމާން ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޢަބްދުއްރަޙީމްއެވެ. މިމުބާރާތާއި އެކު އެކީގައި މިރަށުގައި ފުޓްސަލް އެހެން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައި ވީނަމަވެސް ގިނަ ޓީމް ތަކެއް މިމުބާރާތުގައި ބައިވެރިވުމަކީ މިމުބާރާތް ހިންގުމަށް ތުޅާދޫ ކައުންސިލަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއްކަމަށާއި އެކަމަށްޓަކައި ތުޅާދޫ ރައްޔިތުންނަށާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ކައުންސލްގެ ރައީސް ޝުކުރުއަދާ ކުރެއްވިއެވެ. . މިމުބާރާތުގައި މިއަހަރު 11 ޓީމަކުން ބައިވެރިވެފައިވާއިރު ޖުމުލަ 28 މެޗް ފެނިގެންދާނެއެވެ. ޗެމްޕިއަންޓީމަށް -/15،000 (ފަނަރަހާސް) އަދި ރަނަރަޕް ޓީމަށް 7,000/- (ހަތްހާސް ރުފިޔާ) ގެ ފައިސާގެ އިނާމް ކަނޑައެޅިފައިވާ މިއަހަރު ބައިވެރިވެފައިވާ ޓީމް ތަކަކީ:
ގުރޫޕް – އޭ
• ހުޅަނގުކޮޅު
• ސެލިގިޑަމް
• ދެކުނުކަންމަތި ރީ-ބޯން
• ބަޑީ ބޯއީސް އޭ
• ދެކުނު ކަންމަތި
• ޔަންގް އީގަލް
ގްރޫޕް – ބީ
• ކަފަމާ ޔުނައިޓެޑް
• ދެކުނު ކަންމަތި ރީ-ޔޫނިއަން
• ސަންސެޓް
• ބަޑީ ބޯއީސް
• ޓީމް ހަޒާރުމާ